Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

މިދިޔަ މަހު އެކަނި ވެސް ޖިންސީ ގޯނާގެ 48 މައްސަލަ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 48 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެކި ބާވަތުގެ 243 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 121 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 48 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 43 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ގަނާ އަދި ފުރައްސާރަކުރުމުގެ 4 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 16 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 11 މައްސަލަ، ވެކްސިން ނުދިނުމުގެ 3 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ ހިމެނެއެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 23 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 34 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.