Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފްގެ މައްޗަށް ދައުވާ އުފުލައިފި

އާތިފް ޝަކޫރު - ފޮޓޯ: ވީނިއުސް

އެމްއެމްއޭގެ ކުރީގެ ފައިނޭންސަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އާތިފް ޝަކޫރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ، މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުވުމުގެ ކުށުގައި ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން އެނގި އެކަން ހުއްޓުވުމަށް އާތިފް އިހުމާލުވި ކަމަށް އޭސީސީން މީގެކުރިން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފްއާ ގުޅޭގޮތުން ބީއެމްއެލްގެ ފަރާތުން އެފް.އައި.ޔޫއަށް 27 ނޮވެމްބަރ 2014ގައި ފޮނުވާފައިވާ އެސްޓީއާރު އެނަލައިޒް ކުރުމަށްފަހު، އެފް.އައި.ޔޫ އިން 31 ޑިސެމްބަރ 2014ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގ އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ ރިޕޯޓުގައި އެސްއޯއެފް މެދުވެރިކޮށް ހިންގާފައިވާ މުޢާމަލާތްތަކަކީ މަނީ ލޯންޑަރިންގކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އާތިފަށް އެނގޭކަމަށާއި އެ ރިޕޯޓް ތަހުޤީޤީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލްކުރިއިރުވެސް، އެއީ ތަހުޤީޤު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއްކަން އެނގޭކަމަށް އާތިފް އިއުތިރާފްވެފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތް ފަޅާއެރުމުގެ ކުރިން 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އާތިފް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.