Last Updated: April 24, 16:37
Wednesday, April 24, 2024
ޚަބަރު

ވިލިވަރުގައި 10 ދުވަސްތެރޭ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށްފި

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނުކޮށްފައި ބޭތިއްވުމަށް ކ.ވިލިވަރުގައި ގާއިމުކުރި ކަރަންޓީނު ފެސިލިޓީ ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީއާ މިއަދު ހަވާލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް އިންޑަސްޓްރީގެ އެހީތެރިކަމާއެކު ވިލިވަރުގައި 10 ދުވަސްތެރޭ ގާއިމުކުރި ކަރަންޓީނު ފެސިލިޓީ ނިންމުމަށް 2.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.

މި ކަރަންޓީނު ފެސިލީޓީގައި 30 ކޮޓަރި ހުރެ އެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމް ކަމަށްވާއިރު ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރި އެވެ.

ވިލިވަރަކީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ހަވާލުގައި އޮތް ރަށެކެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ވެސް ވަނީ ފެނިފައެވެ. އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.