Last Updated: April 19, 10:32
Friday, April 19, 2024
ޚަބަރު

ރާއްޖެ ހުއްޓުމަކަށް އަންނަންޖެހޭ ހިސާބަކަށް އަދި ނުދޭ: އަމީން

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެ ހުއްޓުމަކަށް އަންނަންޖެހޭ ހިސާބަކަށް ކަންކަން އަދި ގޮސްފައިނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަހަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު، ދެ ރިސޯޓަކަށް އަރައި ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ރާއްޖެއިން ވައިރަހަށް ދެ މީހަކު ޕޮޒިޓިވްވި ނަމަވެސް ރާއްޖެ ހުއްޓުމަކަށް އަދި އައިސްފައިނުވާ ކަމަށާއި އެފަދަ ހާލަތަކަށް ކަންކަން އަދި ނުދާ ކަމަށެވެ. އެގޮތުން ރާއްޖެއާ ކައިރި ގައުމުތަކުން ވެސް މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުތަކުގައި ވެސް އާންމު އުސޫލުން ކަންކަން ކުރިއަށްދާކަން އަމީން ފާހަގަކުރެއްވިއެވެ.

"ފެންނާނެ އެގައުމުތަކުން ވެސް މީހުން ވިޔަފާރިކޮށް، މީހުން ހަރަކާތްތެރިވެ، އާންމު ދިރިއުޅުމުގައި ކަންކަން ކުރިއަށްގެންދާތަން. އެހެންވީމާ ރާއްޖެ ހުއްޓުމަކަށް އައިސްގެން އުޅޭ ހާލަތަކަށް ގޮސްގެނެއް ނޫން މި އުޅެނީ. އެ އިރެއްގައި އޮންނަ ހާލަތުގައި ޖެހޭނެ ކުރިއަށްދާން" އަމީން ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ހާލަތު ބަދަލުވަމުން އަންނަ މިންވަރަކުން އެކިއެކި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިރުޝާދުތައް ދެމުންދާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އަމީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ބަލި ޖެހިފައިވާ ދެ މީހަކު ރާއްޖެއިން ފެނިފައިވާކަން ސަރުކާރުން ރޭ ހާމަކޮށްފައިވާއިރު އެ ދެ މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުންނެވެ.

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ކުރެއްދޫ ރިސޯޓަށް ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި މުޅި ރާއްޖެއަށް މިހާރު އޮތީ ޔެލޯ އެލާޓުގައެވެ.

އޮރެންޖެ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހުނު މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ހާލަތްތަކުގަ އެވެ. އަދި ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.