Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކޮރޯނާ އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވުމަކީ ހައްލެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ކޮރޯނާވައިރަސް ރާއްޖެ އަށް އަޔަނުދޭން ވަކި ގައުމަކުން މީހުން އައުން ހުއްޓުވުމަކީ ހައްލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.

ކުއްލި މައްސަލައިގައި އޮތީ އިޓަލީން ރާއްޖެ އަށް ފްލައިޓުތައް އައުން ހުއްޓުވުމަކީ ރަނގަޅު ކަމެއް ނޫން ކަމެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ އިޓަލީގެ ފްލައިޓުތައް އިނގިރޭސިވިލާތާއި ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް ދާ ކަމަށާއި އަދި ޔޫރަޕްގެ އެ ގައުމުތަކުން ރާއްޖެ އަށް ބޯޓުތައް އަންނަމުންދާ ކަމަށެވެ.

އެހެންކަމުން މި ބަލި ރާއްޖެ އަށް އަޔަނުދިނުމަށްޓަކާ ގައުމުތަކުން ބޯޓުފަހަރުތައް އައުން ހުއްޓާލަނަމަ، ހުރިހާ ގައުމަކުން ވެސް ބޯޓުފަހަރުތައް އައުން ހުއްޓާލާ މިންވަރަށް ދާންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހުއްޓާލަންޏާ އެބަ ސާފުވޭ ހުއްޓާލަން މި ޖެހެނީ މުޅި މި ހުރިހާ ކަމެއް ކަން. ހުއްޓާލަންޏާ ހުއްޓާލަން މި ޖެހެނީ ހުރިހާ ގައުމަކުން އައުންކަން. މި ވައިރަސް އަޔަ ނުދިނުމަށް ހުއްޓާލާ ކަމަށް ވަންޏާ، ހުރިހާ ތަނަކުން ހުއްޓާލުމުގެ މިންވަރަށް ދާން އެބަޖެހޭ" ނަޝީދު ވިދާޅުވިއެވެ.

އިޓަލީގެ އިތުރުން ސަރުކާރުން މީގެކުރިން ވަނީ އިރާނާއި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކުރުމާއި، ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.