Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

އީވާގެ އިލްތިމާސް: ގޭގައި އެކަހެރި ކުރިޔަސް، ބަލިމީހާ އަށް އަޅާލާތި

އީވާ އަބްދުﷲ - ފޮޓޯ: މަޖިލިސް

ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ގޭގައި މީހަކު އެކަހެރި ކުރިޔަސް، އެ މީހާ އެކަނި ނުކޮށް އަޅާލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ އިލްތިމާސްކުރައްްވައިފިއެވެ.

މަޖިލީހުގެ ޖަލްސާ މެންދުރަށް މެދުކަނޑާލުމުގެ ކުރިން އީވާ ވިދާޅުވީ ބައްޔަށް ޝައްކު ކުރެވޭ މީހުން ގޭގައި އެކަހެރިވެފައި ތިބޭ ވަގުތުތަކުގައި އެމީހުން އެކަނިވިޔަ ނުދިނުމަށް ރެޑްކްރެސެންޓުން ވެސް އިލްތިމާސްކޮށްފައިވާތަން ނޫހެއްގައި ލިޔެފައިވާ ހަބަރަކުން ފެނިވަޑައިގެންނެވި ކަމަށެވެ.

އެ ވާހަކައަށް އިޝާރަތް ކުރައްވަމުން އީވާ ވިދާޅުވީ އެކަނި ކުރުމުން ބަލި މީހާ ހާސްކަމުގެ ތެރެއަށް ދާނެ ކަމަށާއި، އެހެން ބަލިތަކުގެ އިތުރުން ނަފްސާނީ ބަލިތައް ވެސް ނިކުންނަން ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެހެންވީމާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިކަމުގައިވިޔަސް، އެ ބަލި މީހުން އެކަނި ނުކުރައްޗޭ. އެމީހުންނާ އަޅާލައްޗޭ. ރަނގަޅު ސިއްހީ ފަރުވާ އެމީހުންނާ ހަމައަށް ފޯރުކޮށްދެވެންދެން ބާކީ ނުކުރައްޗޭ" އީވާ ވިދާޅުވިއެވެ.

މީގެެއިތުރުން ބައްޔެއްގެ ސަބަބުން ބަލީގެ އަލާމާތަށް މީހާ އެކަހެރި ކުރުމާއި، މީހާ ބާކީކުރުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ވެސް އީވާ ފާހަގަކުރެއްވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެ ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.