Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ ދެ ދުވަހު މާލޭގައި މަޑުކުރި

ކޮވިޑް19 އަށް ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ފޮޓޯ / އެޗްޕީއޭ

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށްދިޔަ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިޓަލީ މީހާ ދެ ދުވަހު މާލޭގައި މަޑުކުރި ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ނުފުރިގެން އޭނާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އެގޮތުން މާގިރި ހޮޓަލްގައި ވެސް އޭނާ މަޑުކުރި ކަމަށެވެ.

އެކަމާ ގުޅިގެން އެ ހޮޓަލްގައި މަސައްކަތް ކުރާ 15 މީހަކު ސެލްފް އައިސޮލޭޝަންއަށް ދާން އަންގާފައިވާ ކަމަށާއި ނަމަވެސް އޭގެއިން އެއްވެސް މީހެއްގެ ގައިން މި ބައްޔަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގައި ހުންނަ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށް ވެސް އޭނާ ދިޔަ ކަމަށާއި އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ސެލްފް އައިސޮލޭޝަނަށް ދާން އަންގާފައިވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން އެ ފަރާތުގެ ގައިން ބައްޔަށް ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަވުމުން އޭނާ ފަރުކޮޅުފުށީގައި ހުންނަ ކަރަންޓީނު ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި އޭނާ ރާއްޖެއިން ފުރިއިރު މިކަންކަމުގެ މައުލޫމާތު ނުލިބި އޮތީ ކީއްވެގެންކަން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ސަރުކާރު ތައްޔާރަށް އޮތް ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކުރެއްދޫ އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ވައިރަހަށް ޕޮޒިޓިވްވިކަން އެނގުމާއެކު އެ ރިސޯޓުގައި ތިބި ފަރާތްތައް ވަނީ މި ބައްޔަށް ޓެސްޓު ކުރަން ފަށާފައެވެ. އެގޮތުން އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފަކު މިހާތަނަށް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެއާއެކު ސަރުކާރުން މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައެވެ.