Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

ދިވެހިންނަށް ދަތުރުނުކުރެވޭ ގޮތަށް ގައުމަކުން ފިޔަވަޅެއް ނާޅާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރެ --

ކޮރޯނާވައިރަހާ ގުޅިގެން ދިވެހިންނަށް ދަތުރުނުކުރެވޭ ގޮތަށް އެއްވެސް ގައުމަކުން އަދި ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ވައިރަހާ ގުޅިގެން ސަރުކާރުން ވަނީ އިޓަލީ އާއި ބަންގްލަދޭޝް އާއި އިރާން އަދި ދެކުނު ކޮރެޔާގެ ދެ ސަރަހައްދަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައެވެ. އަދި ޗައިނާ އިން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުން ނާދެވޭ ގޮތް ހެދުމާއި ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން ވެސް ވަނީ މަނާކޮށްފައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް އެއްވެސް ގައުމަކުން ދިވެހިންނަށް ދަތުރު ނުކުރެވޭ ގޮތަށް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެ ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.

ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.

މަބްރޫކް ވިދާޅުވީ މިހާތަނަށް ރާއްޖެއިން 63 ސާމްޕަލް އެއް ނެގި ޓެސްޓު ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 49 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.