ކޮރޯނާވައިރަހަށް ރާއްޖެ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އެ ދެ މީހުންނަކީ ވެސް ކުރެއްދޫ އައިލޭންޑް ރިސޯޓުން މި ބައްޔަށް ޓެސްޓު ކުރި ދެ މީހުން ކަމަށެވެ.
އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.
އެ ދެ މީހުންނާއެކު މި ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފައެވެ. އެ ހަ މީހުންނަކީ ވެސް ބިދޭސީންނެވެ.
މި ބައްޔަށް މީގެކުރިން ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނާއި، ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިންނެވެ.
ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން ހަ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.