Last Updated: March 29, 16:28
Friday, March 29, 2024
ޚަބަރު

ކައުންސިލް އިންތިހާބު ފަސްކުރަން ޕީޕީއެމުން ގޮވާލައިފި

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.

އެ ދެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ފަރާތުން ކޮރޯނާވައިރަހާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފަސޭހަކަމާއެކު އެޅުމުގެ މަގުސަދުގައި، އެ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެގޮތުން މި ވައިރަސް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި އެ ކޯލިޝަނުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި މި ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވައި، އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްދިނުމަށް އެ ދެ ޕާޓީން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އެ އިންތިހާބު ފަސްކުރަން އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މީގެކުރިން ވަނީ ގޮވާލައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ފަސް ކުރުމަށް ގިނަ ބަޔަކު ގޮވަމުން އަންނާތީ އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން މިއަދު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.