Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ރިސޯޓުތައް ބަންދުކުރިޔަސް، މުވައްޒަފުން ވަޒީފާއިން ވަކިނުކުރާތި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތައް ބަންދުކުރަން ޖެހުނު ނަމަވެސް، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ މިހާތަނަށް 50 ރިސޯޓުގެ އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި އަދި އަންނަ ހުކުރު ދުވަހުން ފެށިގެން ބޯޑަރު ބަންދުކުރުމަށް އިއުލާންކުރުމާ ގުޅިގެން ހުރިހާ ރިސޯޓެއް ވެސް ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ބަންދުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ހޮޓެލްތައް ކުޑަ ވަގުތުކޮޅަކަށް ބަންދުވުމަކަށް އައި ނަމަވެސް ރައީސް ވަނީ މުވައްޒަފުން ވަކި ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުގެ އެދުމަކީ މުވައްޒަފުން ވަޒީފާ އިން ވަކިނުކުރުން. އަޅުގަނޑުމެން ދޭ މި އެހީ މިދެނީ ވެސް އެ ބޭނުމުގައި. ވަރަށް އުއްމީދުކުރަން، ވަރަށް ޔަގީންކަން އެބައޮތް ގިނަ ފަރާތްތަކުން މިކަމަށް އަމަލުކޮށް އިޖާބަ ދެއްވާނެ ކަމަށް" ރައީސް ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ވެސް މިއީ ދަތި އުނދަގޫ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ބައެއް ތަންތަނުން ނޯޕޭއަށް މުވައްޒަފުން ފޮނުވުން ފަދަ ކަންކަން ކުރަމުންދާ ކަމުގެ ހަބަރު ލިބިވަޑައިގެންފައިވާ ކަމަށާއި ސަރުކާރުން ދޭ އެހީތަކުގެ ސަބަބުން މިފަދަ ކަންކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ މިއަދު އަޅާ ފިޔަވަޅުތަކުގެ ސަބަބުން މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި އަހަރުގެ ފަހުކޮޅު ރިސޯޓުތައް ފުރިގެންދާތަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.