Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ވަޒީފާގެ ހާލަތަށް ބަދަލު އައިސްގެން 104 މައްސަލަ ރިޕޯޓުކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދާ ވެލާނާ ބިލްޑިންގ --

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްގެން 104 މައްސަލަ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ކަންކަމާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ޖޮބް ސެންޓަރަށް މިހާތަނަށް 104 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭގެތެރޭގައި ހިމެނެނީ ނޯ ޕޭއަށް މުވައްޒަފުން ފޮނުވުމާއި، މުސާރަ ބަދަލުވުމާއި، އެލަވަންސްތައް ކަނޑާލުމާއި، ބައި މުސާރަ ދިނުމާއި، މުވައްޒަފުން ވަޒީފާ އިން ސަސްޕެންޑު ކުރުމާ ގުޅޭ އެކި ކަހަލަ މައްސަލަތައް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖުގެ ތެރެއިން އެހީވާއިރު މުވައްޒަފުންގެ ކަންކަމަށް އިހާނެތިކޮށް ކަންކުރާ ކުންފުނިތަކަށް އިސްކަން ނުދޭނެ ކަމަށެވެ. އަދި މިހާރު ރިޕޯޓުކޮށްފައި ހުރި މައްސަލަތައް ވަކިވަކިން ބަލައި ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް-ސެންޓަރުގައި ރިޕޯޓުކުރުމަށް އެދިފައެވެ.

އަދި މިމައުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގަވާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.