Last Updated: March 28, 21:55
Thursday, March 28, 2024
ވިޔަފާރި

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ

އުރީދޫ ހެޑް އޮފީސް - ފޮޓޯ: ވީނިއުސް

ކޮވިޑް-19 އާއި ގުޅިގެން އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓު ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ޚާއްޞަ އޮފަރ އެއް މިއަދު ތައާރަފްކޮށްފިއެވެ.

މި އޮފަރ ތައާރަފްކޮށްފައިވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމުގައި އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރު %25 ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25% ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މިގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބަރ އަދި ވަޔަރލެސް ބްރޯޑްބޭންޑް ގެންގުޅުއްވާ ފަރާތްތަކުގެ މާރިޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހިވަޑައިގަންނަވާ ތާރީޚުގެ ކުރިން ނުދެއްކުނުކަމުގައިވިޔަސް ޚިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ. މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މަޢުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ފުރުސަތު ލިބުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެންކަމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ހާމަކުރައްވާފައެވެ.