Last Updated: April 25, 17:01
Thursday, April 25, 2024
ވިޔަފާރި

ލޯނުތައް ދެއްކުން ފަސްކޮށްދޭ ހަމަހަށް އިންޓްރެސްޓް ދައްކާކަށް ނުޖެހޭނެ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ބީއެމްއެލް އިން ލޯނުތައް ދެއްކުން ފަސްކޮށްދޭ ހަ މަސްދުވަހަށް އިންޓްރެސްޓް ދައްކަން ނުޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ބީއެމްއެލްގެ ހުރިހާ ލޯނުތަކެއް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފައިވާ މުއްދަތުގައި އިތުރު އިންޓްރެސްޓެއް އަރާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

އެކަން ސާފުކޮށްދެއްވުމަށް މިނިސްޓަރު އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތައް ދެއްކުން ފަސްކޮށްދީފައިވާ ހަ މަސް ދުވަހުގެ މުއްދަތުގައި ބީއެމްއެލްއިން އެއްވެސް އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނާއި ރާއްޖެއަށްވެސް ވެވެން އޮތް އެހީއެއްވުމަށް ބީއެމްއެލް އިން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައެވެ.

ބީއެމްއެލް އިން ހުރިހާ ލޯނެއް ހަ މަސްދުވަހަށް ފަސްކޮށްދޭން ނިންމިއިރު، ސަރުކާރުން ވަނީ ސްޓޫޑެންޓް ލޯނު ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމާފައެވެ.