Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނޫސްވެރިންނަށް ފިޔަވަޅު އެޅުމަކީ ޑިމޮކްރެސީއާ ހިލާފު ކަމެއް

ނޫސްވެރިންނަށް ފިޔަވަޅު އެޅުމަކީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިހެން ބުނެފައިމިވަނީ "ދިޔަރެސް" ނޫހުގައި ޝާއިރުކުރި ދެ ހަބަރެއް ނެގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އެ ނޫހަށް އެންގުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ މީޑިއާ އަކީ ޑިމޮކްރެސީގެ ހަތަރުވަނަ ބާރުކަމަށްވެފައި މިނިވަން މީޑިއާ އަކީ މި ނިޒާމުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ތަނބު ކަމަށްވާއިރު، ނޫސްވެރިންނަށް ފިޔަވަޅު އަޅައި އެ ފަރާތްތަކަށް ބިރުދައްކާ އަނގަބަންދުކުރުމަކީ ކަނޑައެޅިގެން ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަމެއް ކަމަށެވެ.

އަދި މީޑިއާ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭނުންކުރަންޖެހޭނީ އިންސާފުވެރިކަމާއެކު، ހުރިހާ ފަރާތްތަކަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީގެން ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ. އެހެންކަމުން ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާ އިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިދިކޮޅުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ހަބަރު ގެނެސްދިނުމުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަގުވައްޓާލާ އެ ފަރާތްތަކަށް ފުރައްސާރަކުރުމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ހިންގާ ނާތަހުޒީބު އަމަލުތައް ހުއްޓާލުމަށް ވެސް ވަނީ ގޮވާލާފައެވެ.