Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

ކޮވިޑް-19: އިޓަލީން މަރުވި ޑޮކްޓަރުންގެ އަދަދު 61 އަށް

ނުރައްކާތެރި ކޮވިޑް-19 ގައި އިޓަލީން މިހާތަނަށް 61 ޑޮކްޓަރުން މަރުވެއްޖެއެވެ.

އިޓަލީގެ ޑޮކްޓަރުންގެ އެސޯސިއޭޝަނުން ބުނިގޮތުގައި މަރުވި 61 ޑޮކްޓަރުންގެ ތެރެއިން 40 ޑޮކްޓަރުން ނިސްބަތްވަނީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ލޮމްބާޑީ އަށެވެ.

61 ޑޮކްޓަރުން މި ބަލީގައި މަރުވެފައިވާއިރު، އިޓަލީގެ 8،000 އަށް ވުރެ ގިނަ ހެލްތު ވޯކަރުން މި ބައްޔަށް ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ.

ގިނަ އަދަދަކަށް އިޓަލީން ޑޮކްޓަރުން މަރުވެފައިވާއިރު، މި ބަލީގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ގައުމަކީ ވެސް އިޓަލީއެވެ. އެގޮތުން މި ބައްޔަށް އިޓަލީން މިހާތަނަށް 90،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 10،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އަށް ވުރެ ވެސް އިޓަލީގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީން މިހާރު ވަނީ ލޮކްޑައުންގެ ހާލަތުވެސް އިއުލާންކޮށްފައެވެ.