Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

މާލެއަށް އަޅާ ފިޔަވަޅުތައް ތަފާތުވަނީ ބައިބޯ ތަނަކަށް ވާތީ

ސަރުކާރުގެ ތަރުޖަމާނު މަބްރޫކު:، ފޮޓޯ: ސަން

ކޮވިޑް-19 އިން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމުގައި މާލެ އާއި އަތޮޅުތައް ތަފާތު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ކަންކަމުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ މިކަމުގައި މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ތަފާތުކޮށް ކަންކަން ކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާ ކަމަށާއި ނަމަވެސް އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ.

އެގޮތުން މާލޭގައި އަޅާފައި ހުރި ފިޔަވަޅުތައް އަޅާފައިވާ ސަބަބާއި މެދު ވިސްނާލަންޖެހޭ ކަމަށާއި، މާލެ އަކީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް މީހުން އެންމެ ބައިބޯވެފައިވާ އެއް ސިޓީ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ ހާލަތުގައި އޮންނަ ސިޓީއެއްގައި ބަލި ފެތުރިއްޖެނަމަ ދެންވާނެ ގޮތާއި މެދު ވެސް ވިސްނާލަންޖެހޭ ކަމަށާއި އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަނެއް ކަމަކީ، ރާއްޖޭގެ ތިންބައި ކުޅެ އެއްބައިގެ އާބާދީ މިއޮތީ މިތާތެރޭގައި. މިކަމާ ގުޅިގެން މާލެ މި އޮންނަނީ ސެންޓްރަލް ހަބަކަށް ވެފައި. އެހެންވީމަ މިތަނަށް އަޅާ ފިޔަވަޅުތައް ތަފާތުވެފައި އެ ހުންނަނީ، ގުދުރަތީ ގޮތުން މާލެ އަކީ ތަފާތު ތަނަކަށް ވާތީ، މިހާ ބައިބޯ ތަނަށްވެފައި އޮންނާތީ" މަބްރޫކް ވިދާޅުވިއެވެ.

އަދި ކޮވިޑް-19 ގެ ކަންކަމުގައި ރެސްޕޮންޑް ކުރާނެ ގޮތް ރޭވިފައި އޮތީ ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިގެން ކަމަށާއި މާލެ އާއި އެހެން ތަންތަން ތަފާތުކޮށް ކަންކަން ނުކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.