Last Updated: April 19, 22:45
Saturday, April 20, 2024
ދުނިޔެ

ކޮވިޑް ޖެހިގެން ލަންކާ އިން ދެވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން އަވަށްޓެރި ސްރީލަންކާ އިން ދެވަނަ މީހަކު މަރުވެއްޖެ އެވެ.

ލަންކާގެ ސިއްހީ ކަމާބެހޭ އިދާރާތަކުން މިރޭ ބުނީ މި ބަލީގައި އެގައުމުން މަރުވެފައިވަނީ އުމުރުން 64 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައިވަނީ ނެގޮމްބޯ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެއެވެ.

ލަންކާ އިން މި ބަލީގައި މަރުވި ފުރަތަމަ މީހާއަކީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އެމީހާއަކީ މީގެ އަހަރުތަކެއް ކުރިން ކިޑްނީ ޓްރާންސްޕްލާންޓެއް ވެސް ހަދާފައިވާ މީހެއް ކަމަށާއި އަދި އިތުރު ބަލިތަކަށް ވެސް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ލަންކާ އިން މިހާތަނަށް 120 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 14 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ކާފިއު އިއުލާންކޮށްފައިވާއިރު، އެގައުމުން ވަނީ މި ބަލީގެ ނުރައްކާތެރިކަން ނެތްކަން ކަށަވަރުވަންދެން ފްލައިޓުތައް އެގައުމަށް ޖެއްސުން ވެސް މިހާރު މަނާކޮށްފައެވެ. ނަމަވެސް ލަންކާ އިން ފުރައިގެން އެހެން ގައުމުތަކަށް ދިޔުމާއި ކާގޯ އޮޕަރޭޝަންސްތައް މިހާރެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ.

ލަންކާ އަކީ ގިނަ އަދަދަކަށް ދިވެހިން ވެސް އުޅެމުންދާ ގައުމެކެވެ.