Last Updated: April 16, 16:17
Tuesday, April 16, 2024
ދުނިޔެ

ލޮކްޑައުންގެ މުއްދަތު އިތުރުކުރަން ރޭވިފައެއް ނެތް: އިންޑިއާ

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ރޭވިފައިނުވާ ކަމަށް އެގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

21 ދުވަހުގެ މުއްދަތަކަށް އިންޑިއާ ލޮކްޑައުނަކަށް ގޮސްފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ލޮކްޑައުން އިތުރު މުއްދަތަކަށް ދަންމާލަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް އިންޑިއާގެ ކެބިނެޓް ސެކެޓްރީ ރަޖީވް ގައުބާ ވިދާޅުވީ ތިން ހަފްތާ އަށް ވުރެ އިތުރަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ރޭވިފައިނުވާ ކަމަށެވެ.

ލޮކްޑައުނަކަށް ދިޔުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ލޮކްޑައުނަކަށް ދިޔުމަށް ނިންމީ ކޮވިޑް-19 ގެ ނުރައްކަލުން ގައުމު ސަލާމަތް ކުރެވެން އޮތީ އެގޮތަށް އަމަލުކޮށްގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ފަގީރުންނަށް ދިމާވާ ދަތިތަކަށް އެހީވުމުގެ ގޮތުން 22 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދާދިފަހުން އެގައުމުގެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

މި ޕެކޭޖުގެ ދަށުން 800 މިލިއަން މީހުންނަށް ފަސް ކިލޯ ގްރާމްގެ ރޭޓުން ހަނޑުލާއި، ގޮދަން ކުރިއަށް އޮތް ތިން މަސް ދުވަހު ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.

އަދި އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭ އަދަދު އިތުރުކުރުމަށާއި، ސަބްސިޑީތައް ދިނުން އަވަސްކުރުމާއި، ސަރުކާރުގެ ސްކީމްތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދަނޑުވެރިންނާއި، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި، ނުކުޅެނދޭ ފަރާތްތަކުގެ އިތުރުން އެކަނިވެރި މައިންނަށް ވެސް ހާއްސަ ގޮތްތަކެއް މި ޕެކޭޖުގެ ދަށުން ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މެޑިކަލް އިންޝޫރެންސްގެ ގޮތުގައި ކޮންމެ މީހަކަށް 66،400 ޑޮލަރު ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާއިރު، އެގައުމުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މި ބަލީގައި އެގައުމުން ވަނީ 20 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.