Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

އިޓަލީން ޕޮޒިޓިވްވި މީހުންގެ އަދަދު އެއް ލައްކައަށް އަރައިފި

ކޮވިޑް-19 އަށް އިޓަލީން ޕޮޒިޓިވްވި މީހުންގެ އަދަދު އެއް ލައްކަ އަށް އަރައިފިއެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ބުނީ، ފާއިތުވި 24 ގަޑިއިރުތެރޭގައި އިޓަލީން މި ބައްޔަށް 4،050 މީހުން ޕޮޒިޓިވްވެ 812 މީހުން މަރުވެފައިވާ ކަމަށެވެ.

މި އަދަދުތަކާއެކު އިޓަލީން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 101،739 އަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 11،000 އަށް ވުރެ މައްޗަށް އަރާފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި މި ބަލީގައި މިހާރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެގޮތުން އިޓަލީ އަކީ މި ބައްޔަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމުވެސް މެއެވެ. މި ބައްޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެއްގެ ގޮތުގައި މިހާރު އޮތީ އެމެރިކާއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ ވެސް އިޓަލީގައި ކަމަށްވާއިރު، އެގައުމު މިހާރު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. އަދި ލޮކްޑައުންގެ ހާލަތު އިތުރަށް ދަންމާލަން އެގައުމުގެ ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.