Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ކޮވިޑް-19: ތުރުކީގެ ރައީސްގެ ހަތް މަހުގެ މުސާރަ ހަދިޔާކޮށްފި

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ތުރުކީގައި ފަށާފައިވާ އެހީގެ ކެމްޕޭނަށް އެގައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ހަތް މަހުގެ މުސާރަ ހަދިޔާކުރައްވައިފިއެވެ.

އިއްޔެ ތުރުކީގެ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން އުރުދުޣާން ވިދާޅުވީ މި ކެމްޕޭނުގެ މަގުސަދަކީ ކޮވިޑް-19 އާއި ގުޅިގެން ތުރުކީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީގެ ގޮތުގައި ކުޑަ އެއްޗެއް ލިބޭ މީހުންނަށް އެހީތެރިވުން ކަމަށެވެ.

"މި ކެމްޕޭން ފެށުމުގެ ގޮތުން އަހަރެންގެ ހަތް މަހުގެ މުސާރަ ހަދިޔާކުރަން ނިންމައިފިން" އުރުދުޣާން ވިދާޅުވިއެވެ.

މި ކެމްޕޭނަށް ކެބިނެޓުގެ މެމްބަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ 791،000 ޑޮލަރު ހަދިޔާކުރަން ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ތުރުކީގައި މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެގައުމަށް ބައިނަލްއަގުވާމީ ފްލައިޓުތައް ޖެއްސުން ހުއްޓާލުން ވެސް ހިމެނެއެވެ.

ތުރުކީގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.