Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑްގެ ނުރައްކާ އޭޝިއާ އިން ފިލައިގެންދާން އަދި ގާތްވެސް ނުވޭ

ކޮވިޑް-19 ގެ ނުރައްކާ އޭޝިއާ ބައްރުން ފިލައިގެންދާން އަދި ގާތްވެސް ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރުން ފެށި މި ބަލީގެ ނުރައްކާ ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމަށް މިހާރު ވަނީ ކޮށްފައެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ވެސްޓަން ޕެސިފިކަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޓަކެޝީ ކަސައި ވިދާޅުވީ އޭޝިއާ އަދި ޕެސިފިކުން މި ބަލީގެ ނުރައްކާ ފިލައިގެންދާން އަދި ގާތްވެސް ނުވާ ކަމަށާއި މިއީ ދިގު މުއްދަތުގެ "ހަނގުރާމައެއް" ކަމަށެވެ.

"ފަރުވާ ކުޑަކޮށްލައިގެން ތިބެވޭކަށް ނެތް. ހުރިހާ ގައުމަކުން ވެސް މިކަމަށް ތައްޔާރުވާންވީ މުޖުތަމައުގެ ތެރޭގައި މި ބަލި ފެތުރިދާނެ ކަމަށް ބަލައިގެން" ކަސައި ވިދާޅުވިއެވެ.

މީގެއިތުރުން ކަސައި ވަނީ ބަލިޖެހޭ މީހުންގެ އަދަދު މަދުން ފެންނަ ގައުމުތަކުން ވެސް ފަރުވާ ކުޑަނުކުރުމަށާއި އެހެން ނޫންނަމަ މި ބަލި އަނބުރާ އައުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

"ބަލީގެ ނުރައްކާ ދުނިޔޭގައި އޮތްހާ ހިނދަކު، މި ބަލީގެ ރިސްކު އޭޝިއާ ސަރަހައްދަށް ވެސް އޮންނާނެ. މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ބަލިން ރައްކާތެރިވާން ލިބޭ ވަގުތުތަކެއް" އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ދުނިޔެއިން ހަތް ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.