Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ކޮވިޑް ޖެހިގެން 12 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ބެލްޖިއަމް އިން 12 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.

ބެލްޖިއަމް ސަރުކާރުގެ ތަރުޖަމާނު ޑރ.އެމެނުއެލް އަންދްރޭ ވިދާޅުވީ މި ބަލީގައި މަރުވެފައިވަނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، މިކަމުގެ ތެރޭގައި ކުޑަކުއްޖަކު ވަކިވެގެން ދިޔުމަކީ މިކަމުގައި މަސައްކަތްކުރާ ސިއްހީ ފަރާތްތަކަށް ވެސް ލިބުނު ހިތާމައެއް ކަމަށެވެ.

އެ ކުއްޖާ އަށް ސިއްހީ ގޮތުން އިތުރު މައްސަލައެއް ދިމާވި ކަމެއްވެސް އަދި އެ ކުއްޖާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ވެސް ބެލްޖިއަމް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

"މިއީ ވަރަށް މަދުން ހިނގާ ފަދަ ކަމެއް، އެކަމަކު މިއީ ފުން ހިތާމައެއް ގެނުވި ކަމެއް" އޭނާ ވިދާޅުވިއެވެ.

ޑރ.އަންދްރޭ ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރުތެރޭގައި އެގައުމުން ވަނީ މި ބަލީގައި 98 މީހަކު މަރުވެފައެވެ. އެއާއެކު މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 705 އަށް އަރާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 12،000 އަށް ވުރެ މަތީގައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފްރާންސުން ވަނީ އުމުރުން 16 އަހަރުގެ ކުއްޖަކު ވެސް މަރުވެފައެވެ.