Last Updated: April 20, 06:38
Saturday, April 20, 2024
ވިޔަފާރި

ސިބްކޯ އިން ރޯދައަށް އަގުހެޔޮ ބާސްމަތީ ހަނޑުލެއް ތަޢާރަފްކޮށްފި

ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށްގެން ސިބްކޯ އިން އަގުހެޔޮ ބާސްމަތީ ހަނޑުލެއްކަމުގައިވާ އަލް މަޝާލް ބާސްމަތީ ބާޒާރަށް ނެރެފިއެވެ.

މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ހާނީ ނަޢީމް ވިދާޅުވީ
މި ވަގުތު ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ސަބަބުން ހިތްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށް އުންމީދުކުރާކަމަށާއި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފަހަށް ރައްކާކުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށެވެ.

އަދި ހަނޑުލަކީ ދިވެހިންގެ ބޭނުންކުރާ މައިގަނޑު ކާޑުގެ ބާވަތެއްކަމަށްވެފައި، ކޮލިޓީ ހިފެހެއްޓިފައިވާ އަގުހެޔޮ ހަނޑުލެއްގެ ގޮތުގައި އަލް މަޝާލް ލިބިގެން ދިއުމަކީ އެންމެންވެސް ބަލައިގަންނާނެ ކަމަށްވެސް ހާނީ ވިދާޅުވިއެވެ.

މި ހަނޑުލަކީ ޕާކިސްތާންގެ އުފެއްދުމެއްކަމަށާއި މި ބާވަތުގެ ހަނޑުލުން 5 ކިލޯ ބަސްތާ އަދި 1 ކިލޯގެ ޕެކެޓެއް މި ވަގުތު ސުޕަރމާކެޓް، މިނީ މާޓު އަދި ފިހާރަތަކުން ލިބޭނެކަމަށާއި ހޯލްސޭލް އަދި ރީޓޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ސިބްކޯ ބާޒާރު ފިހާރައިން މިހާރު ލިބެން ހުންނާނެއެވެ.

އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސިބްކޯ ފުވައްމުލަށް އަދި އައްޑޫ ބްރާންޗުން ވެސް މި ހަނޑޫ ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް މާލެއެކޭ އެއް އަގެއްގައި ލިބޭނެއެވެ.

މީގެއިތުރުން ސިބްކޯ އިން އަންނަނީ ރޯދަ ހަދިޔާގެ ނަމުގައި އަލްމަޝާލް ބާސްމަތީ، ޑެއިރީ ޗޭމްޕް ގެރިކިރު އަލްމުދިޝް ޓޮމާޓޯ ޕޭސްޓްގެ އިތުރުން ރޯދަމަހު ބަދިގޭގައި ބޭނުންކުރެވޭ ބޭނުންތެރި މުދާ ހިމެނޭގޮތަށް ވަރަށް ޚާއްޞަ އަގެއްގައި އާއިލާތަކަށް ބޭނުންތެރި އަގުވަޒަންކުރެވޭ ގިފްޓް ޕެކެއް ނެރުމަށް މަސައްކަތްކުރަމުންނެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އެވެ.