Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

އީސަ އަކީ އުނދަގޫ ހަގީގަތްތައް ސާފުބަހުން ވިދާޅުވާ ބޭފުޅެއް

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އަކީ އުނދަގޫ ތެދު ހަގީގަތްތައް ވަރަށް ސާފުބަހުން ވިދާޅުވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މާލޭގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދެއްކިގެން އެތަނުން ނެރެންދެން ތިބެގެން ނުވާނެ ކަމަށާއި ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން މަގުމަތިވުމުގެ ކުރިން އަވަހަށް ރަށަށް ބަދަލުވުމަށް އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އީސަ ގޮވާލި ގޮވާލުމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އީސަ ބޭނުން ކުރެއްވި ބަސްތައް އެންމެ އެކަށީގެން ނުވެދާނެ ކަމަށާއި ނަމަވެސް އީސަ އެ ފާހަގަކުރެއްވި ނުކުތާއެއް ބެއްލެވުން މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ހާލަތަށް ބައްލަވާ، ކިހިނެއް ހަދާނީ، މާދަމާ މިސާލަކަށް މާދަމާގެ ކުލި ދައްކާދޭނަމޭ ސަރުކާރުން މި ބުނީ. 6 މަސް ދުވަހުގެ ކުލި ދެއްކޭނެ ތޯ ސަރުކާރަށް، 12 މަސް ދުވަހަށް ސަރުކާރަށް އެ ކުއްލި ދެއްކޭނެތޯ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އުނދަގޫ ތެދު ހަގީގަތްތައް ހާމަކުރުމުން މީހުން ނުރުހޭނެ ކަމަށާއި އެގޮތުން މެމްބަރު އީސަ އަކީ "އާންމުކޮށް ވަރަށް ސާފުބަހުން އެކަހަލަ ހަގީގަތް ވިދާޅުވާ ބޭފުޅެއް" ކަމަށެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ މަގުމަތިވަންދެން ނުވަތަ ބަނޑަށް ޖެހެންދެން ތިބެގެން ނުވާނެ ކަމަށާއި ތިމާމީހާއަށް ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރުއުޅުމުގައި ހުރި ކަންކަން މިވަގުތު ދޫކޮށްލަންޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލި ނުދެއްކިގެން އެތަނުން ނެރެންދެން އަޅުގަނޑުމެން މިއަދު ތިބެގެން ނުވާނެ. އަޅުގަނޑުމެނަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމަށް ފަރުދީ ގޮތުން ޖަހާ ހިސާބު ދައްކާ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިއަދު އެބަޖެހޭ އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން" އީސަ ވިދާޅުވިއެވެ.