Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް އޭއީއެޗަށް ބަދަލުކޮށްފި

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ހުރިހާ ހިދުމަތްތައް، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް މިއަދު ބަދަލުކޮށްފިއެވެ.

އޭއީއެޗްގެ މީޑިއާ އޮފިސަރު ސާފީ މުހައްމަދު ހުސައިން "އައްޑޫ ލައިވް" އަށް ވިދާޅުވީ އެންމެ ފުރަތަމަ އޭއީއެޗަށް ބަދަލުކޮށްފައިވަނީ އޯޕީޑީގެ ހިދުމަތް ކަމަށާއި އަދި މިއަދު ބަދަލުކޮށްފައިވަނީ އައިޕީޑީގެ ހިދުމަތާއި އީއާރްގެ ހިދުމަތް ކަމަށެވެ.

މިއާއެކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއް މިހާރު އޭއީއެޗަށް ބަދަލުކުރެވުނީ ކަމަށާއި، ރީޖަނަލް ހޮސްޕިޓަލުން ދެން ދެމުންގެންދާނީ ފްލޫ ކްލިނިކުގެ ހިދުމަތް ކަމަށްވެސް ސާފީ ވިދާޅުވިއެވެ.

އެ ކްލިނިކުން ހިދުމަތްދޭނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް، މެންދުރު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 7:00 އިން ރޭގަނޑު 10:30 އަށެވެ.

ހުމާއި އަދި ރޯގާގެ އަލާމާތްތައް ހުންނަ ފަރާތްތަކުން މި ކްލިނިކަށް ދެއްކުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ބޭސްފަރުވާ ލިބޭނެ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.