Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

މައްކާ އަދި މަދީނާގައި 24 ގަޑިއިރަށް ކާފިއު ހިންގަނީ

ކޮވިޑް-19 އާއި ގުޅިގެން މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން މައްކާ އަދި މަދީނާގައި ކޮންމެ ދުވަހަކު ވެސް 24 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައި ބޭއްވުމަށް ނިންމައިފިއެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން މިއަދު ބުނީ ކާފިއު އިއުލާންކޮށްފައި ބޭއްވި ނަމަވެސް ކާބޯތަކެތި ގަންނަން އަދި ސިއްހީ ފަރުވާތަކަށް ބޮޑެތި މީހުންނަށް ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ. ނަމަވެސް އެ ސިޓީތަކުން ބޭރަށް ދިޔުން ވަނީ މަނާކޮށްފައެވެ.

އަދި ފާމަސީތަކާއި ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި އާއި ގޭސް ސްޓޭޝަން އަދި ބޭންކުގެ ހިދުމަތް ފިޔަވައި އެހެނިހެން ވިޔަފާރިތައް އެ ދެ ސިޓީގައި ވެސް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން ވެސް ވަނީ އަންގާފައެވެ.

މައްކާ އަދި މަދީނާގައި ކާފިއު ހިންގަން ފަށާފައިވާއިރު، މިދިޔަ އަންގާރަ ދުވަހު އެ ދެ ސިޓީން ވަނީ ޖުމްލަ 133 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ސައުދީގެ އެހެން ސިޓީތަކަށް ވުރެ ވެސް އިތުރު އަދަދެކެވެ.

ސައުދީން މިހާތަނަށް 1،720 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 16 މީހަކު ވަނީ މަރުވެފައެވެ. އަދި 200 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.