Last Updated: April 18, 22:36
Thursday, April 18, 2024
ދުނިޔެ

އެމެރިކާގެ 6.6 މިލިއަން މީހުންގެ ވަޒީފާ ގެއްލިއްޖެ

ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އެމެރިކާ އިން ވަޒީފާ ގެއްލުނު މީހުންގެ އަދަދު 6.6 މިލިއަނަށް އަރައިފިއެވެ.

އެމެރިކާގެ ލޭބަ ޑިޕާޓްމަންޓުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ވަޒީފާ ނެތް މީހުންނަށްދޭ އެލަވަންސް ހޯދުމަށް 6.6 މިލިއަން މީހުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައެވެ. މި އަދަދު މީގެ ހަފްތާއެއްހާ ދުވަސްކުރިން ހުރީ 3.3 މިލިއަންގައެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދަކަށް މީހުންގެ ވަޒީފާތެއް ގެއްލުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވަޒީފާ ގެއްލުނު މީހުންގެ ތެރޭގައި ރެސްޓޯރެންޓާއި، ރީޓެއިލް، ޓްރޭޑް އަދި ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ މީހުން ހިމެނެއެވެ.

އެމެރިކާގެ އިގްތިސާދީ މާހިރުން ލަފާކުރާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާ އިން 20 މިލިއަން މީހުންގެ ވަޒީފާ ގެއްލުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ކޮވިޑްގެ ނުރައްކާ އެމެރިކާގައި އިންތިހާއަށް ބޮޑުވެފައިވާއިރު، ވަޒީފާ ގެއްލޭ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އިނާޔަތެއް ދިނުމަށާއި، ވިޔަފާރިތައް ހިމާޔަތް ކުރުމަށް ލޯނު ދޫކުރުމަށް އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވެންސް ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި 2 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖާއި ގުޅޭ ބިލު ދާދިފަހުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަސްދީގު ކުރައްވާފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެމެރިކާ އިން ދެ ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެގައުމުން ވަނީ މި ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.