Last Updated: April 24, 06:35
Wednesday, April 24, 2024
ދުނިޔެ

އިރާނުގެ ޕާލަމެންޓުގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، އަލީ ލަރިޖާނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އިރާނުގެ ދައުލަތުގެ މީޑިއާ "އައިއާރްއެންއޭ" އިން ބުނީ ލަރިޖާނީ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ނޭވާލާން އުނދަގޫވާ ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ލަރިޖާނީ ކަރަންޓީނަށް ވަޑައިގެންފައިވާ ކަމަށާއި އަދި މިހާރު ފަރުވާ ހޯއްވަން ފައްޓަވާފައިވާ ކަމަށްވެސް ދައުލަތުގެ މީޑިއާ އިން ބުނެއެވެ.

ލަރިޖާނީ އަކީ މިހާތަނަށް އިރާނުން މި ބައްޔަށް ޕޮޒިޓިވްވި އެންމެ އިސް އޮފިޝަލެވެ.

ލަރިޖާނީ ވަނީ މިދިޔަ ހަފްތާގައި ކޮވިޑްގެ ކަންކަމުގައި އެގައުމުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން މި ބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އިރާން އުޅެނީ އެހެން ގައުމުތަކަށް ވުރެ މާ ކުރީގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިރާނުން މިހާތަނަށް ކޮވިޑަށް 50،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް އަރާފައެވެ.