Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ކެޔޮދޫ އިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ

ވ.ކެޔޮދޫ އިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ ކެޔޮދޫ އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނުމާ ގުޅިގެން އެ ރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ރަށް މޮނީޓަރިންގެ ހާލަތުގައި އޮންނާނީ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެންއެވެ.

އަދި ކޮންސްޓެންސް މޫފުށި ރިސޯޓުން ކޮވިޑްގެ އަލާމާތްތަކެއް ހުރި ދިވެއްސަކާއި ބިދޭސީއަކު ފެނުމާ ގުޅިގެން އެ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި ބޭރު އެންމެން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ މި ބައްޔަށް އެންމެފަހުން ޕޮޒިޓިވްވި ހަތަރު ދިވެހިންނަށެވެ.