Last Updated: April 25, 20:50
Thursday, April 25, 2024
ޚަބަރު

ވަޒީފާއާ ބެހޭ 449 މައްސަލައެއް ޖޮބް ސެންޓަރަށް ހުށަހަޅައިފި

މަބްރޫކް އަބްދުލްއަޒީޒް - ފޮޓޯ: މިހާރު

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު އައިސްގެން މިހާތަނަށް 400 އަށް ވުރެ ގިނަ މައްސަލަ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރަށް ރިޕޯޓުކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ކަންކަމާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މިއަދާއި ހަމައަށް 449 މައްސަލަ ޖޮބް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއީ ވަޒީފާގެ މައްސަލަތަކުގައި އިވޭ އަޑުތަކަށް ބަލާއިރު އަދިވެސް މަދު އަދަދެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ނޯ ޕޭއަށް މުވައްޒަފުން ފޮނުވުމާއި، މުސާރަ ބަދަލުވުމާއި، އެލަވަންސްތައް ކަނޑާލުމާއި، ބައި މުސާރަ ދިނުމާއި، މުވައްޒަފުން ވަޒީފާ އިން ސަސްޕެންޑު ކުރުމާ ގުޅޭ މައްސަލަތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާނަމަ، މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް-ސެންޓަރުގައި ރިޕޯޓުކުރުމަށް އެދިފައެވެ.

އަދި މިމައުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގަވާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.