Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ޕޮޒިޓިވްވި ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު

ޑޮކްޓަރ މޫސާ މުރާދު - ރައީސް އޮފީސް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަތަރު ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑަށް ޕޮޒިޓިވްވި އެ ހަތަރު ދިވެހިންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު މީހުންނެވެ. އެ ހަތަރު މީހުން ޕޮޒިޓިވްވުމާއެކު ސަރުކާރުން މިހާރު ވަނީ މި މަހުގެ 14-18 އަށް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިން ޓެސްޓުކޮށް އަދި އެމީހުންނާ ކޮންޓެކްޓުވި މީހުން ވެސް ޓެސްޓު ކުރަން ފަށާފައެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މޫސާ މުރާދު ވިދާޅުވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ބައްޔަށް ޕޮޒިޓިވްވި ހަތަރު ދިވެހިންނަށް ފަރުވާ ދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށްވާއިރު ސިއްހީ ގޮތުން މާބޮޑު މައްސަލަތަކެއް ވެސް ނެތް ކަމަށެވެ.

އަދި ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި ހަތަރު މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ޑރ.މުރާދު ވިދާޅުވިއެވެ.

ރާއްޖެ އަށް މިހާރު އަންނަ ހުރިހާ ދިވެހިން ވެސް ސީދާ ކަރަންޓީނަށް ގެންދާއިރު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުން ދާދިފަހުން ވަނީ ކަރަންޓީނުގައި ތިބޭ އެންމެން ވެސް ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރާނެކަން ވެސް އިއުލާންކޮށްފައެވެ.