Last Updated: April 25, 17:15
Thursday, April 25, 2024
ދުނިޔެ

ޓްރަމްޕް އަނެއްކާވެސް ކޮވިޑަށް ޓެސްޓުކޮށް، މިފަހަރުވެސް ނެގެޓިވް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ޓެސްޓު ކުރައްވައިފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ސްޓެފަނީ ގްރިޝަމް ވިދާޅުވީ ޓްރަމްޕް ދެވަނަ ފަހަރަށް ކޮވިޑަށް ޓެސްޓު ކުރައްވާފައިވަނީ އިއްޔެ ހެނދުނު ކަމަށާއި ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާކަން 15 މިނެޓްތެރޭ އެނގިގެން ގޮސްފައިވާ ކަމަށެވެ.

ޓްރަމްޕް މިފަހަރު ހައްދަވާފައިވަނީ އެމެރިކާގެ ލެބޯޓްރީއެއް ކަމަށްވާ އެބޮޓް ލެބޯޓްރީސް އިން ދާދިފަހުން ތައާރަފްކުރި ޓެސްޓެކެވެ. އެ ޓެސްޓު ހެދުމުން ނަތީޖާ ލިބެން ނަގަނީ ގާތްގަނޑަކަށް 15 މިނެޓެވެ.

ޓްރަމްޕް ވަނީ މިދިޔަ މަހުގެ މެދުތެރޭގައި ވެސް ކޮވިޑަށް ޓެސްޓު ކުރައްވާފައެވެ. އެފަހަރު ހެދި ޓެސްޓުގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ވެފައެވެ.

ޓްރަމްޕް އެފަހަރު އެ ޓެސްޓު ހެއްދެވީ މާޗު މަހުގެ ކުރީކޮޅު ޓްރަމްޕްއާ ބައްދަލުކުރެއްވި ބްރެޒިލްގެ އޮފިޝަލުންތަކެއް މި ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައިވާއިރު، މި ބައްޔަށް މުޅި ދުނިޔެ އިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އެމެރިކާ ވަނީ ވެގެން ގޮސްފައެވެ. އެގޮތުން އެމެރިކާ އިން މި ބައްޔަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، 6،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.