Last Updated: March 29, 14:00
Friday, March 29, 2024
ދުނިޔެ

އުތުރު ކޮރެއާގައި ކޮވިިޑް ނެތް ކަމަށް ބުނާ ވާހަކަ ގަބޫލެއް ނުކުރެވޭ

އުތުރު ކޮރެއާގައި ކޮވިޑް-19 ނެތް ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އުތުރު ކޮރެއާ އިން މިހާތަނަށް ކޮވިޑް-19 ގެ އެއްވެސް ކޭސްއެއް ރިޕޯޓުކޮށްފައިނުވާއިރު، އެގައުމާއި އަވަށްޓެރި ގައުމުތަކުގައި މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެމެރިކާގެ އިސް ޖެނެރަލެއް ކަމަށްވާ ރޮބަޓް އަބްރަމްސް "ސީއެންއެން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެގައުމަށް ލިބިފައިވާ އިންޓެލް އާއި އަދި ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، އުތުރު ކޮރެއާގައި ކޮވިޑް ނެތް ކަމަށް އެ ގައުމުން ބުނާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"ކިހާ މީހުންނެއްކަން ދަންނަވާކަށް އަހަންނަކަށް ވެސް ނޭނގޭ. އެކަމަކު މިދިޔަ ފެބްރުއަރީ އާއި މާޗު މަހު އެމީހުންގެ ހަރަކާތްތަކަށް ބަލާއިރު، އެގައުމުގެ އަސްކަރިއްޔާ އޮތީ ލޮކްޑައުނެއްގައި. ބޯޑަރު ހުރަސް ކުރުމުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައި" އަބްރަމްސް ވިދާޅުވިއެވެ.

ކޮވިޑް-19 ނެތް ކަމަށް އުތުރު ކޮރެއާ އިން ބުނާއިރު، މި ބަލި އެންމެ ފުރަތަމަ ފެތުރެން ފެށީ އެގައުމާއި އަވަށްޓެރި ޗައިނާ އިންނެވެ. މި ބަލީގައި ޗައިނާ އިން 3،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު އެގައުމުން މިހާރު ވަނީ މި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް ދުނިޔެއިން އެއް މިލިއަން މީހުން ޕޮޒިޓިވް ވެފައިވާއިރު، 50،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.