Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ކުރިއަށް އޮތީ ރޯދަ މަސް، ޔާމީނަށް އިންސާފު ކަށަވަރުކޮށްދީ: ޖަމީލު

"ދަވާލައިފި" ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: ފޮޓޯ - ސަން

ކުރިއަށް އޮތީ ރޯދަ މަސް ކަމަށާއި، ޖަަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރޯނާވައިރަސްގެ ވަބާގެ ސަބަބުން މުޅި ޤައުމު ހުއްޓުމަކަށް އައިސް، އިޤްތިސާދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް ޤައުމު ވެއްޓުމުގެ ބިރު ބޮޑު ކަމަށާއި އެތައް ބަޔަކު ބަނގުރޫޓްނުވާނެ ގޮތަކާއި ކުރިމަތީގައި އޮތް ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ ކަމަށެވެ.

އަދި މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށާއި ކުރިއަށް އޮތީ ރޯދަމަހަށް ވެފައި މި ހާލަތަށް ބަލައި އިދިކޮޅު ލީޑަރަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން. އިޙްސާންތެރިކަން އިސްކުރަން ގޮވާލަން" ޖަމީލު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޔާމީން ގޭ ބަންދަށް ބަދަލުކޮށްދޭން އިދިކޮޅުން ތަކުރާރުކޮށް ގޮވާލަމުންދާއިރު، ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޖަލުގައި ހުންނެވި ވަކި ބޭފުޅަކަށް ވަކި ގޮތްތަކެއް ހެދުމަށް ނުވިސްނަވާ ކަމަށް ވިދާޅުވެފައެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

އެ މައްސަލައިގެ އިތުރުން ޔާމީން، 1.4 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެެ އެ ފައިސާ ލޯންޑަރކުރެއްވި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.