Last Updated: April 16, 17:11
Tuesday, April 16, 2024
ދުނިޔެ

އިންޑިއާގައި އުފަންވި ދެ ކުއްޖަކަށް "ކޮރޯނާ" އަދި "ކޮވިޑް" ކިޔައިފި

އިންޑިއާގައި އުފަންވި އެއްމާބަނޑު ދެ ކުއްޖަކަށް "ކޮރޯނާ" އަދި "ކޮވިޑް" ގެ ނަމުން ނަންދީފިއެވެ.

އިންޑީއާގެ ރައިޕޫރުގެ ހޮސްޕިޓަލަކަށް މި ދެ ކުދިން (ފިރިހެން އަދި އަންހެން) ވިހާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން އެ ދެ ކުދިން ވިހާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުންގެ ހާލަތު އިއުލާންކުރިތާ ދެ ދުވަސް ފަހުންނެވެ.

އެ ދެ ކުދިންގެ މަންމަ ޕްރީތީ ވަރްމާ ބުނީ ލޮކްޑައުންއާ ގުޅިގެން އެ ދެ ކުދިން ވިހެއުމުގެ ކަންކަން ކުރިއަށް ދިޔައީ އުނދަގޫ ހާލަތެއްގެ ތެރޭގައި ކަމަށާއި އެގޮތުން އާއިލާގެ މެމްބަރުންނަށް ވެސް ލޮކްޑައުންގެ ސަބަބުން ހޮސްޕިޓަލަށް އާދެވޭ ގޮތް ނުވި ކަމަށެވެ.

އަދި ވެހިކަލްތައް ވެސް ދުއްވަން މަނާކޮށްފައިވުމުން ފިރިމީހާއާއެކު އޭނާ އަށް ވެސް ހޮސްޕިޓަލާއި ހަމައަށް ދެވުނީ ގިނަ އުނދަގޫތަކަކަށްފަހު ދަންވަރުގެ ވަގުތެއްގައި ކަމަށާއި މިހާ އުނދަގޫ ހާލަތެއްގައި ދެ ކުދިން ވިހެއުމުން ބޭނުންވީ އެ ކުދިންނަށް ހާއްސަ ނަމެއް ދޭން ކަމަށްވެސް ޕްރިތީ ބުންޏެވެ.

އެ ދެ ކުދިންނަށް "ކޮރޯނާ އަދި "ކޮވިޑް" ކިޔުމަށް ހިޔާލު ދިނީ ހޮސްޕިޓަލުގެ ސްޓާފެއް ކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިއާގައި 21 ދުވަހުގެ ލޮކްޑައުނެއް އިއުލާންކޮށްފައިވާއިރު، 2،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް އެގައުމުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި އެ ބަލީގައި 68 މީހަކު ވަނީ މަރުވެފައެވެ.