Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

ތައިލޭންޑުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް

ތައިލޭންޑުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ފާއިތުވި ދެ ހަފްތާގައި ތައިލޭންޑުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުތަކަށް ބަލާއިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހު އެގައުމުން ވަނީ 188 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހަށްފަހު ތައިލޭންޑުގައި އަނެއްކާވެސް މީހުން ޕޮޒިޓިވްވި އަދަދު އިތުރުވިކަން މި އަދަދުތަކުން ހާމަވެއެވެ.

ނަމަވެސް މި މަސް ފެށުނު ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. އެގޮތުން މި މަހުގެ އެއްވަނަ ދުވަހު 120 ކޭސް ރިޕޯޓުކޮށްފައިވާއިރު މި މަހުގެ ދެވަނަ ދުވަހު 104 ކޭސް، ތިންވަނަ ދުވަހު 103 ކޭސް އަދި މިއަދު ރިޕޯޓުކޮށްފައިވަނީ 89 ކޭސްއެވެ.

މިއަދު ރިޕޯޓުކުރި 89 ކޭސްގެ ތެރެއިން 31 މީހުން ނިސްބަތްވަނީ މި ބަލީގައި އެންމެ ގިނަ އަދަދަކަށް އެގައުމުން މީހުން މަރުވި ބެންކޮކަށެވެ.

ތައިލޭންޑުން މިހާތަނަށް މި ބައްޔަށް 2،067 މީހުން ޕޮޒިޓިވް ވެފައިވާއިރު، 20 މީހަކު ވަނީ މަރުވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 612 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.