Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ސްޕެއިންގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފި

ކޮވިޑް-19 ގެ ސަބަބުން ސްޕެއިންގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލީގެ ނުރައްކާ އެންމެ ބޮޑު ވެފައިވާ އެއް ގައުމަކީ ސްޕެއިން ކަމަށްވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭ ސްޕެއިނުން މަރުވެފައިވަނީ 674 މީހުންނެވެ. މިއީ މިދިޔަ މަހުގެ ކުރީކޮޅަށްފަހު ސްޕެއިނުން އެންމެ މަދު އަދަދަކަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ފާއިތުވި ތިން ދުވަހަށް ބަލާއިރު ވެސް މި ބަލީގައި ސްޕެއިނުން މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާކަން ހާމަވާއިރު އެގައުމުން މި ބަލީގައި މިހާތަނަށް ވަނީ ޖުމްލަ 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ. އަދި މި ބައްޔަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ސްޕެއިން އަކީ މުޅި ދުނިޔެއިން މި ބައްޔަށް ދެވަނަ އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. އެންމެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެމެރިކާ އިންނެވެ. އެގޮތުން އެމެރިކާގެ ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ސްޕެއިނުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާއިރު، އެގައުމު މިވަގުތު އޮތީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައެވެ.