Last Updated: April 24, 12:56
Wednesday, April 24, 2024
ވިޔަފާރި

ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާނަމަ މާދަމާ އިން ފެށިގެން ފިޔަވަޅު އަޅަނީ

އެސްޓީއޯ އިން ފިޔާ ބަރުކުރަނީ: ފޮޓޯ - ޓައިމްސް

ކޮވިޑް-19 އާއި ގުޅިގެން ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު މާދަމާ އިން ފެށިގެން ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާ އިން ފެށިގެން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށެވެ. މި އަގުތައް ކޮންމެ ހަފްތާއަކު މުރާޖަޢާ ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެއަށްވުރެ އަގުބޮޑުކޮށް އެތަކެތި ވިއްކާނަމަ ފުރަތަމަ ފަހަރަށް 100,000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

އަދި އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު އެފަރާތެއް ގިނަވެގެން 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.