Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

މޯލްޑިވިއަން މެލޭޝިއާ ފްލައިޓް: ޓިކެޓެއްގެ އަގު 400 ޑޮލަރަށް

ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ގެނައުމަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ ޓިކެޓު 400 ޑޮލަރަށް ވިއްކުމަށް ނިންމައިފިއެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިރޭ ބުނީ މެލޭޝިޔާއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރައްވަން ބޭނުންވާ ފަރާތްތަކުން، އެފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ފޯމު ފުރިހަމަ ކުރުމަށްފަހު  މާދަމާ މެންދުރު 12 ގެ ކުރިން ހައިކޮމިޝަނަށް ފޮނުއްވައި ދެއްވުން އެދޭ ކަމަށެވެ.

ނަމަވެސް ފޯމު މެދުވެރިކޮށް ރަޖިސްޓަރ ކުރި ކަމުގައިވިޔަސް އެ ފްލައިޓުން ޖާގަ ކަށަވަރު ނުވެދާނެ ކަމަށް ބުނެފައިވެއެވެ.

އަދި މިފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ 400 ޑޮލަރަށް ކަމަށާއި، މި ދަތުރު ކުރުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި އަދި ޔަގީން ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

https://twitter.com/MDVinMalaysia/status/1246818441475940354

މޯލްޑިވިއަން އިން މިއަދު ވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިބި ދިވެހިން ގެނައުމަށް ދެ ފްލައިޓު ބާއްވާފައެވެ. އަދި މާދަމާ އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމަށް ވެސް ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނަށް ގެންދާއިރު، ކަރަންޓީނު ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.