Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ކާފިއު ވަގުތުގައި ބޭރުގައި އުޅުނު މީހަކު ޖޫރިމަނާކޮށްފި

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަދު ހަވީރު ކާފިއު އިއުލާންކޮށްފައި އޮތް ވަގުތުގެ ތެރޭގައި ބޭރުގައި އުޅުނު މީހަކު 1،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިއްޔެ ނެރުއްވި އެންމެގުމެއްގައި ވަނީ ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލޭ ސަރަހައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލަން އަންގާފައެވެ.

އަދި އެ ގަޑިތައް ފިޔަވައި އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ފުލުހުން ބުނީ މިއަދު 139 މީހަކަށް ނަސޭހަތް ދިން ކަމަށާއި، އެ މީހުންގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި 17 ބިދޭސީން ކަމަށެވެ. އަދި ދެވަނަ ފަހަރަށް 7 މީހަކަށް ނަސޭހަތް ދިންއިރު އެކަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މަގުމައްޗަށް ނިކުމެ އުޅުން މަނާ ގަޑިތަކުގައި ނިކުމެ އުޅޭ ފަރާތްތަކަށް ފުރަތަމަ ފަހަރު ނަސޭހަތްދިނުމަށްފަހު ދެން ވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް ފުލުހުން މީގެކުރިން ވެސް އޮތީ ބުނެފައެވެ.