Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

ބަންގްލަދޭޝްއަށް ދާން ބޭނުންވެގެން 300 މީހުން ރަޖިސްޓްރީކޮށްފި

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް - ފޮޓޯ: އިމިގްރޭޝަން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ގަވާއިދާ ހިލާފަށް ތިބި ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެގެން 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ވައިގެ ދަތުރުފަތުރުތައް ހުރިގޮތުން އެކަމުގައި ގޮންޖެހުންތަކެއް ވެސް އެބަހުރި ކަމަށެވެ.

"މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވޭ ދާން ބޭނުންވާ ކަމަށް" މަބްރޫކް ވިދާޅުވިއެވެ.

އަދި ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ތެރެއިން އަނބުރާ އަންނަން ބޭނުންވާ ދިވެހިން ގެންނަން ދިވެހި ސަރުކާރުން ވެސް ބޭނުންވާ ކަމަށާއި އެކަމަށްޓަކާ އެގައުމަށް ފްލައިޓެއް އަޅަންޖެހޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެގައުމަށް ގެންދިޔުމާ ބެހޭ ގޮތުން ބަންގްލަދޭޝްގެ ހާރިޖީ ވަޒީރާއި އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށް ދިވެހި ހާރިޖިއްޔާ އިން މިރޭ ވަނީ ބުނެފައެވެ.

އެގޮތުން ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އެކަމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.