Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

އެއް މަސް ދުވަހަށް ވާވަރަށް މަރުކަޒުތަކުގައި ކާބޯތަކެތި ހުންނާނެ

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ - ފޮޓޯ: ރައީސް އޮފީސް

އެއް މަސް ދުވަހަށް ވާވަރަށް ކުޑަކުދިންގެ ކޮންމެ މަރުކަޒެއްގައި ވެސް ކާބޯތަކެތި ހުންނާނެ ކަމަށް، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝާ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖެންޑާ މިނިސްޓްރީންގެ ކޮންޓިންޖެންސީ ޕްލޭނެއް ހެދި ކަމަށާއި އެގޮތުން ކަމެއް ދިމާވެއްޖެ ހިނދެއްގައި ހިދުމަތަށް ނިކުންނާނީ ކޮން ބައެއް ކަމާއި، މަރުކަޒުތަކުގައި ކުދިންނާއެކު ދިރިއުޅޭނީ ކޮން ބައެއް ކަމާއި، ފުޑް ސެކިއުރިޓީއާ ގުޅޭ ފަދަ ކަންކަމުގެ އިތުރުން ތަމްރީނުތައް ވެސް ދެވިފައިވާނެ ކަމަށެވެ.

"އެގޮތުން ކޮންމެ މަރުކަޒެއްގައި މިހާރުވެސް ހުންނާނެ އެއް މަސް ދުވަހަށް ވާވަރަށް ފުޑް ސެކިއާކޮށްފައި. އަދި ކުދިންނަށް ބޭނުންވާނެ ތަކެތި ގަނެވިފައި" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ކުޑަކުދިންގެ ހިޔާގައި ދެ އައިސޮލޭޝަން ރޫމު އަދި ފިޔަވަތީގައި އައިސޮލޭޝަން ތިން ރޫމު ގާއިމުކުރެވިފައިވާނެ ކަމަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ވެސް އައިސޮލޭޝަން ދެ ރޫމު ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމަޖެންސީ ހާލަތްތަކުގައި ފަރުވާދިނުމަށް ބޭނުންވާނެ މެޑިކަލް ފެސިލިޓީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ގާއިމުކުރުމުގެ ހުރިހާ މަސައްކަތްތައް ހިނގަމުންދަނީ. އޭގެ ތެރޭގައި އެތަނުގައި ވެންޓިލޭޓަރު ބެހެއްޓުން ވެސް ކުރިއަށްގެންދޭ،" މިނިސްޓަރު ވިދާޅުވިއެވެ.