Last Updated: April 20, 17:06
Saturday, April 20, 2024
ޚަބަރު

ކޮވިޑަށް ޝައްކު ކުރެވޭ މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭ

އެމްއާރްސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ސަން

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރާ މީހުންނާއި މެދު މުޖުތަމައުގެ ތެރޭގައި ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރްސީގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޮވިޑަށް ޝައްކު ކުރެވިގެން ޓެސްޓު ކުރެވޭ ފަރާތްތަކާއި ދޭތެރޭ އާއްމުންގެ ތެރޭގައި ތަފާތު ކުރުން ވަރަށް ބޮޑުކަމުގެ ރިޕޯޓު ލިބެމުން އަންނަ ކަމަށާއި މިކަން މިގޮތަށް ނުކުރުމަށް އާއްމުން ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ.

"މިސާލަކަށް ރިސޯޓުތަކުގައި މަސައްކަތްކޮށްފައި ޓެސްޓު ކުރެވޭ ފަރާތެއް ހުރެދާނެ. ހުރެއްޖެނަމަ އަނބުރާ އޭނާ ރަށަށް ދާއިރު ރަށުން އެމީހާ އަނބުރާ ބަލައިގަތުމާއި، މުޖުތަމައުގައި އުޅުމުގައި ދަތިތަކެއް ދިމާވޭ. ހަމަ އެގޮތަށް މާލޭގައި ވެސް އެކަހަލަ ކަންކަން އެބަ ދިމާވޭ" ހިމްޔާ ވިދާޅުވިއެވެ.

މިއީ އާއްމުންގެ ވަރަށް ބޮޑަށް ހޭލުންތެރިކޮށް އެ ތަފާތުކުރުން ނައްތާލަންޖެހޭ ކަމެއް ކަމަށާއި، ބައްޔަށް ޝައްކު ކުރެވޭ މީހަކާއި މެދު މިފަދަ ގޮތަކަށް ކަންކަންވާއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންނާއި މެދު ކަންކަން ވާނެ ގޮތާއި މެދު ވިސްނާލަން ވެސް މިވަގުތު ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ބިދޭސީންނަށް އަމާޒުކޮށްގެން ވެސް ބައެއް ކަހަލަ އެއްޗެހި ބުނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ބިދޭސީންނަށް މި ބަލި ޖެހިއްޖެނަމަ ދެން ހަދާނެ ގޮތަކާއި މެދު ބައެއް މީހުން ޝަކުވާ ކުރަމުންދާ ކަމަށްވެސް ހިމްޔާ ވިދާޅުވިއެވެ.

"ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެ. ޖެހުނީމަ އެކަމުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހެނީ މިހާރު. އެ ހޭލުންތެރިކަން ވެސް މިހާރު އިތުރުކުރަންޖެހޭ. އެ މަސައްކަތްތައް މިހާރު ކުރަމުންދަނީ. ވަކި ފަރާތަކަށް ޖެހިއްޖެއްޔާ ހަދާނެ ގޮތެއް ނޫން ކަންނޭނގޭ ވިސްނަންޖެހެނީ" ހިމްޔާ ވިދާޅުވިއެވެ.