Last Updated: April 25, 11:51
Thursday, April 25, 2024
ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އިނގިރޭސި ބޮޑުވަޒީރު ހުންނަވާ ގެކޮޅުގެ ތަރުޖަމާނަކު ވިދާޅުވީ ބޮރިސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ކޮވިޑަށް ޕޮޒިޓިވްވިތާ 10 ދުވަސް ފަހުން ވެސް އެ ބަލީގެ އަލާމާތްތައް ފެންނަމުން ދިޔުމާއި ގުޅިގެން ޓެސްޓުތަކެއް ހެދުމަށް ކަމަށެވެ.

އަދި މިއީ ޑޮކްޓަރުގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ބޮރިސް ޕޮޒިޓިވްވިކަން ހާމަކުރެއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ބައްޔަށް ޕޮޒިޓިވް ވުމާއެކު ސެލްފް އައިސޮލޭޝަނަށް ބޮރިސް ވަޑައިގެންނެވިއިރު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަރުކާރު ހިންގުމުގެ ކަންކަން އޭނާ މިހާތަނަށް ދިޔައީ ކުރައްވަމުންނެވެ.

ބޮރިސް ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެކުރިން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޕްރިންސް ޗާލްސް ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް ޗާލްސް މިހާރު ވަނީ އެ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އިނގިރޭސިވިލާތުގައި ވެސް ބޮޑުވެފައިވާއިރު، މިހާތަނަށް އެގައުމުން 47،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ 4،934 މީހުން ވަނީ މަރުވެފައެވެ.