Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މިދިޔަ މަހު ހުށަހެޅި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދު

މިދިޔަ މަހު ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ ރިޕޯޓުކޮށްފައިވާ އަދަދު މަދު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އައިޝާ ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ ތަފާސް ހިސާބު ބަލާއިރު ޖެނުއަރީ މަހާ ހަމައަށް ރިޕޯޓް ކުރެވިފައިވަނީ 34 މައްސަލަ، ފެބްރުއަރީ މަހު 39 މައްސަލަ އަދި މާޗު މަހު 26 މައްސަލަ ކަމަށެވެ.

އަދި ފާއިތުވި ތިން މަސް ދުވަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު 121 މައްސަލަ، ފެބްރުއަރީ މަހު 169 މައްސަލަ އަދި މާޗު މަހު 101 މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތަފާސް ހިސާބުން ބަލާލާއިރު، މާޗު މަހު ރިޕޯޓިން މަދު. މީގެ އެކި ސަބަބުތައް ވެސް ހުރެދާނެ. ގަބޫލުކުރަން ބޭނުންވަނީ ކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހަމަ ހަގީގަތުގައި ވެސް ދަށީއޭ. އެކަމަކު އެއީ އުއްމީދެއް" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ގެވެށި އަނިޔާ ލިބޭ ފަރާތް އެ އަނިޔާ ދޭ ފަރާތާއި އެކުގައި އުޅޭނަމަ އެ މައްސަލަ ރިޕޯޓު ކުރަން އުނދަގޫ ކަމަށް ދިރާސާތަކުން ދައްކާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެއް އޮތްނަމަ 1412 އަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށާއި އެ މައްސަލަ ރިޕޯޓުކުރުމުން ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.