Last Updated: April 18, 11:33
Thursday, April 18, 2024
ދުނިޔެ

މިނިކާވަގެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ ޒުލެއްގައި އޮތް ޓައިގަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނިއުޔޯކް ސިޓީގެ ބްރޮންކްސް ޒޫ ގައި މި ޓައިގަރު އޮތްއިރު، އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޓައިގަރުގެ ސާމްޕަލް ނަގައި ޓެސްޓު ކުރީ އެ ޓައިގަރާއި އަދި އެހެން ބައެއް ޖަނާވަރުތަކުގެ ކިބައިން ނޭވާލާން އުނދަގޫވާ ކަހަލަ އަލާމާތްތަކެއް ފެނުމުން ކަމަށެވެ.

މިއީ ކޮވިޑް-19 އަށް ޓައިގަރެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓައިގަރާއި އަދި އެހެން ޖަނާވަރުތައް ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް އެ ޑިޕާޓްމެންޓުން ބުނެއެވެ.

ބްރޮންކްސް ޒުލުން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނީ އެ ޓައިގަރު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ޖަނާވަރުތައް ބެލެހެއްޓުމުގައި އުޅޭ މުވައްޒަފެއްގެ ފަރާތުން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މިހާރު ހުރިހާ މުވައްޒަފުންގެ ސަލާމަތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް އެ ޒުލުން ބުނެއެވެ.

އަދި ބައްޔަށް ޕޮޒިޓިވްވި ޓައިގަރާއި އެހެން ޖަވަނާރުތަކުގެ ހާލަތު ވަރަށް ކައިރިން ބަލަމުންދާނެ ކަމަށްވެސް އެ ޒުލުން ބުނެފައިވެއެވެ.

ޓައިގަރެއް ކޮވިޑަށް ޕޮޒިޓިވްވިއިރު މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނިއުޔޯކްގެ ގިނަ ޒޫތަކެއް ވަނީ ބަންދުކޮށްފައެވެ.