Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

އެއްބައިވަންތަކަން ދައްކަން އިންޑިއާ ނުވަ މިނެޓަށް ނިއްވާލައިފި

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގައި އޮތް އެއްބައިވަންތަކަން ދެއްކުމަށް، ނުވަ މިނެޓަށް އެގައުމުގައި ބޮކިތައް ނިއްވާލައިފިއެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެދިވަޑައިގަތުމަކަށް އެގައުމުގެ ރައްޔިތުން ކުރި ކަމެކެވެ. އެގޮތުން ނުވަ މިނެޓަށް ބޮކިތައް އެގައުމުގެ ރައްޔިތުން ނިއްވާލީ އެގައުމުގެ ގަޑިން ރޭ ނުވައެއް ޖެހިއިރުއެވެ.

މިދިޔަ ހުކުރު ދުވަހު ގައުމާއި މުހާތަބު ކުރައްވަމުން މޯދީ ވަނީ ކޮވިޑާއި ދެކޮޅަށް އިންޑިއާ އިން ކުރާ މަސައްކަތުގައި އެއްވެސް މީހަކު އެކަނި ހުރިކަމަށް އިހުސާސް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އުއްމީދުގެ އަލިކޮޅު ފެންނަން ދެން އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް މޯދީ އެދިވަޑައިގެންފައިވެއެވެ.

މޯދީގެ އެދިވަޑައިގަތުމަށް އިންޑިއާގެ ރައްޔިތުން ބޮކިތައް ނިއްވާލުމަށްފަހު ވަނީ ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކޮށްފައެވެ. ފޮޓޯތައް އާންމުކުރި ފަރާތްތަކުގެ ތެރޭގައި މޯދީ އާއި ޗައިނާ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބޮލީވުޑް އާއި އިންޑިއާގެ މަޝްހޫރު އެތްލީޓުންގެ އިތުރުން އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ.

އިންޑިއާ އިން މިހާތަނަށް ކޮވިޑަށް 3،588 މީހުން ޕޮޒިޓިވް ވެފައިވާއިރު، 99 މީހުން ވަނީ މަރުވެފައެވެ.