Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ބިދޭސީ މީހާއަށް ހަމަލާދިން މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފަށް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ރައީސް އޮފީސް

ރ.އިންނަމާދޫގައި ބިދޭސީއަކަށް ހަމަލާދިނުމުން ހައްޔަރުކުރި ދެ މީހަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި ދެ މީހުން ހަމަލާދީފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެގޮތުން އެމީހާގެ ނޭފަތްމަތި ފަޅާލާ، ވާތު ލޯކައިރިވެސް ވަނީ ފަޅާލާފައެވެ.

އެ ދެ މީހުން ދޫކޮށްލާފައިވަނީ، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިންނަމާދޫ ކޯޓަށް އިއްޔެ ގެންދިޔުމުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ކޯޓުން އެ މީހުން ދޫކޮށްލާފައިވަނީ އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ އާއި ޑޮކްޓަރުގެ ލިޔުމާއި، މަންޒަރު ދުށް މީހުންގެ ބަޔާންވެސް ހުށައަޅާފައިވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ހެކިތައް ހުށަހަޅާފައިވަނިކޮށް، ކޯޓުން އެ ދެ މީހުން ދޫކޮށްލި މައްސަލައާ ބެލުމަށް ޖޭއެސްސީ އަށް ވެސް ޕީޖީ ވަނީ ގޮވާލާފައެވެ.