Last Updated: April 23, 23:56
Tuesday, April 23, 2024
ވިޔަފާރި

މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް: މޯލްޑިވިއަން

މޯލްޑިވިއަންގެ އިސްވެރިން - ފޮޓޯ: މިހާރު

ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަކަށް ވެސް އަސަރުކުރަމުންދާ ކަމަށާއި ހާއްސަކޮށް ދަތުރުފަތުރުގެ ދާއިރާ އަށް ކުރަމުންދާ އަސަރުތައް ބޮޑު ކަަމަށެވެ.

އެގޮތުން މޯލްޑިވިއަން އަކީ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގައި ތިބި ބައެއް ކަމަށާއި ނަމަވެސް އެ ދަތުރުތައް މަދުވުމުން އޭގެ އަސަރު މޯލްޑިވިއަން އަށް ފެންނަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެހެން ނަމަވެސް މުވައްޒަފުން މަދު ކުރުމުގެ ވިސްނުމެއް އަދި ނެތް. ގަބޫލުކުރަނީ މިހާރު ތިބި މުވައްޒަފުންނާއެކު އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށް" މޫސަ ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖޭގައި އޮތް ހާލަތު ބަދަލުވެއްޖެނަމަ ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކުރެވިގެން ބަދަލުތައް ގެންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުންފުނިތަކުން ފަށާފައިވާއިރު، މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ އިސްވެރިންގެ މުސާރައިން 20 ޕަސެންޓު އުނިކުރަން ނިންމާފައެވެ.

މީގެ އިތުރުން މޯލްޑިވިއަން އިން ވަނީ މުވައްޒަފުންގެ ތެރެއިން ހިތުގެ ބަލިތަކާއި، ނޭވާލުމުގެ ބަލިތަކާއި، ކެންސަރު، ހަކުރު ބަލި، ހައިޕަ ޓެންޝަން ހުންނަ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނަށް މުސާރަ އާއެކު 30 ދުވަހުގެ ޗުއްޓީއެއް ވެސް ދިނުމަށް ނިންމާފައެވެ.

އަދި ކުންފުނީގެ އެހެން ސްޓާފުން ބޭނުންވެއްޖެނަމަ މުސާރަ ނުލިބޭ ގޮތަށް އެއް މަހާއި ތިން މަހާ ދެމެދުގެ ޗުއްޓީއެއް ނެގޭނެ ގޮތް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.